"ފުރަތަމަ ފަހަރަށް 16 އަހަރުން ދަށުގެ އަންހެން ކޮލިފައިން ރާއްޖޭގައި ބޭއްވުމަކީ ބޮޑު ކާމިޔާބީއެއް"

10 ޖޫން 2025

ފީބާ އޭޝިއާ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިންގެ އަންހެން ބައިގެ މެޗުތައް ރާއްޖޭގައި ބޭއްވުމަކީ ބޮޑު ކާމިޔާބީއެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެެއެވެ.
މާދަމާ މާލޭގައި ފަށާ ފީބާ އޭޝިއާ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިންގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ޓީމް ވާދަކުރާނެއެވެ. މީގެ ކުރިން ފީބާ އޭޝިއާ ކަޕްގެ ކޮލިފައިންގައި ޖޫނިއާ އަންހެން ޓީމް ވާދަކުރަމުން އައީ އިރުމަތީ އޭޝިއާގެ ގައުމުތަކާ ދެކޮޅަށެވެ.
މިފަހަރުގެ މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ވާދަކުރާނީ އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާއެވެ.
ރާއްޖޭގައި އޮންނަ ފީބާ އޭޝިއާ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިން ހާއްސަވާ އަނެއްކަމަކީ މިފަހަރު 16 އަހަރުން ދަށުގެ ފިރިހެން ކޮލިފައިންވެސް ހިމެނިފައިވުމެވެ. މީއީ ރާއްޖޭގައި 16 އަހަރުން ދަށުގެ އުމުރުފުރާ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ދިވެހިރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމްތަކުން ފަހަކަށް އައިސް ގިނަ ކުރިއެރުންތަކެއް އަންނަނީ ހޯދަމުންނެވެ. މިގޮތުން މިދިޔަ އަހަރު އޮތް 18 އަހަރުން ދަށުގެ ސާބާ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ.