ށ. ފުނަދޫގައި ކުރިއަށްގެންދިޔަ ބޭސިކް ފުޓްސަލް ރެފްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފި އެވެ.
ބޭސިކް ފުޓްސަލް ރެފްރީ ކޯސް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާގު އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ ފަޒްލާ ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
30 ބައިވެރިންނާއިއެކު މިމަހުގެ ހަތަރުވަނަ ދުވަހު ފެށި މި ކޯހަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސް އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ށ. އަތޮޅު ކައުންސިލުން ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.
މި ކޯހުގައި ކިޔަވައިދެއްވަނީ ރެފްރީން ތަމްރީންކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ މުޙައްމަދު އަމީޒް އާއި ގައުމީ ފުޓްސަލް ޓީމްގެ މެނޭޖަރު އަޙުމަދު ގާސިމް (އަހޫ) އެެވެ. އަމީޒް އަކީ މެލޭޝިޔާގައި ފުޓްބޯޅަ ރެފްރީން ތަމްރީންކުރުމުގެ ގިނަ ތަޖުރިބާތަކެއްކޮށް، އެފްއޭއެމްގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.