ފުޖިއާން ޕްރޮވިންސުން ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ދިވެހިރާއްޖެއަށް ހަދިޔާކުރައްވައިފިއެވެ.
ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ކުޅިވަރު ވުޒާރާގެ އިސްވެރިން އަދި ފުޖިއާން ޕްރޮވިންސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޅިވަރު ސާމާނާ ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ޗައިނާގެ ފަރާތުން ސާމާނު ހަވާލުކޮށްދެއްވީ ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ވެއި ޝިއައޮކުއި އެވެ.
ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅީވަރު ސާމާނުގެ ތެރޭގައި ގިނަ އަދަދެއްގެ ޖާޒީތަކާއި، ފުޓްބޯޅަ ފަދަ ސާމާނު ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ވަނީ ޗައިނާގެ ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ވެދޭ އެހީތެރިކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އިތުރުން ޗައިނާގެ އެހީތެރިކަމާއެކު ވޮލީ ބޯޅަ ކޯޗުން ތަމްރީނުކޮށްދެއްވާފައިވާ ކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ބާސްކެޓް ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމާއި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ ފުރުސަތަތުތައް ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު ރާފިއު ވަނީ މިއަހަރުގެ ކުރީކޮޅު ފުޖިއާން ޕްރޮވިންސަށް ވަޑައިގެން އެތަނުގެ ގަވަރުނަރާއިވެސް ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅުގައި ވަޒީރު ވަނީ ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން މަތީފަންތީގެ ކާމިޔާބީތައް ހޯދުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭ ގޮތުން ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރާއެކު މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގައި ގާއިމުކުރާ ކުޅިވަރު ފެސިލިޓީތަކަށް ބޭނުންވާ އިކުއިޕްމެންޓް ހޯދުމާއި، މީހުން ބިނާ ކުރުމުގައި ދިވެހިރާއްޖެއަށް ޗައިނާ ސަރުކާރުން އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން އެ ދަތުރުގައި ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރުވެސް ވަނީ ދެއްވާފައެވެ.
ޗައިނާ އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ގިނަ އެހީތަކެއްވަމުން އަންނަ ގައުމެކެވެ. މިގޮތުން ކުޅިވަރު ސާމާނު ހަދިޔާކުރުމާއި، ދިވެހި އެތުލީޓުންނާއި ޓީމްތަކަށް ތަމްރީން ހެދުމުގެ ގިނަ ފުރުސަތުތަކެއް މީގެ ކުރިން ޗައިނާއިން ވަނީ ފަހިކޮށްދެއްވާފައެވެ.