ފިނޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އައު

24 އޯގަސްޓު 2025

ހދ. ފިނޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ ބިންގާ އަޅައިފިއެވެ.
ފިނޭ އެފްއާރުސީ އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ހދ. ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަރިހުގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އަދި ފިނޭ ކައުންސިލްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފިނޭގައި ގާއިމު ކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ އެރޮބިކްސް ކުލާސްތަކާއި ބޯޑް ގޭމްސް ކުޅެވޭގޮތަށް ތަރައްގީ ކުރާ އިމާރާތެކެވެ. މި އިމާރާތުގައި މީޓިން ރޫމާއި ކުލާސްރޫމް އަދި އޮފީސް ބައެއްވެސް ހިމެނޭނެއެވެ.
ހދ. ފިނޭ އެފްއާރުސީއަކީ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.