"ފާއިތުވި އަހަރު ކުޅިވަރުގެ ދާއިރާއަށްވަނީ ތާރީޚީ ކާމިޔާބީތަކެއް ހޯދިފައި"

06 ފެބްރުއަރީ 2025

މިދިޔަ އަހަރަކީ ކުޅިވަރުގެ ތެރެއިން ޤައުމަށް ރީތި ނަމާއި ޝަރަފް ލިބުނު އަހަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. 
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ކުޅިވަރުގެ ދާއިރާ އަކީ އެ ކަމުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމުގެ އިތުރުން ސިއްހީ އަދި އަހުލާގީ ފައިދާތަކާ އެކު، ގައުމަށް ރީތި ނަން ވެސް ލިބިދޭ ދާއިރާއެއް ކަމަށް ވިދާޅުވެފައެވެ. 
މިގޮތުން މިދިޔަ އަހަރު ކުޅިވަރުން ލިބުނު އެންމެ ބޮޑު ދެ ކާމިޔާބީގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މިދިޔަ އަހަރު ޕެރިހުގައި އޮތް އޮލިމްޕިކްސް އަށް ދިވެހި އެތުލީޓަކު ކޮލިފައިވުމެވެ. ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ވަނީ ސަރަހައްދީ ކޮލިފައިންގެ އެއްވަނަ ހޯދައި ޕެރިސް އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓުގެ ޝަރަފް ހޯދާފަ އެވެ. 
ދީމާގެ އިތުރުން ޕެރިސް އޮލިމްޕިކްސްގައި ތިން ކުޅިވަރަކުން ފަސް އެތުލީޓުން ވާދަކުރި އެވެ. 
ރިޔާސީ ބަޔާނުގައި ރައީސް ދެން ފާހަގަކުރެއްވީ 2026ގެ އޭޝިއަން ގޭމްސްއަށް ދިވެހި އެތުލީޓުން ކޮލިފައިވުމެވެ. މިގޮތުން ޖަޕާންގެ އައިޗި ނަގޯޔާގައި އޮންނަ އޭޝިއަން ގޭމްސްއަށް ދިވެހި އަންހެން އަދި ފިރިހެން ސާފިން ޓީމް ވަނީ ކޮލިފައިވެފަ އެވެ. މި ދެ ޓީމަށް އޭޝިއަން ގޭމްސްއިން ޖާގަ ލިބުނީ 2024ގައި ރާއްޖޭގައި އޮތް އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަނަ ހޯދައިގެންނެވެ.