"އޭޝިއަން ގޭމްސްއިން މެޑަލް ހޯދާ ފުރަތަމަ ކުޅިވަރަކަށް ސާފިން ވާނެކަމަށް އުއްމީދުކުރަން"

18 އޯގަސްޓު 2024

އޭޝިއަން ގޭމްސްއިން މެޑަލް ހޯދާ ފުރަތަމަ ކުޅިވަރަކަށް ސާފިން ވާނެކަމަށް އުއްމީދުކުރައްވާކަމަށް ކުޅިވަރާއި، ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ 2026 ވަނަ އަހަރު ޖަޕާންގައި އޮންނަ އޭޝިއަން ގޭމްސްގެ ކޮލިފައިން އިވެންޓެކެވެ. މިއީ އޭޝިއަން ގޭމްސްގެ ކޮލިފައިން އިވެންޓެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ހުޅުވުމުގެ ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މިދިޔަ ދެ އޭޝިއަން މުބާރާތުންވެސް ދިވެހިރާއްޖޭގެ އެތުލީޓުން މެޑަލް ހޯދާފައިވުމަކީ މި މުބާރާތަށް ގިނަ އުއްމީދުތަކެއް ކުރެވޭކަމެއްކަމަށާއި، މިފަހަރުވެސް ދިވެހި އެތުލީޓުން ރަނގަޅު ކާމިޔާބީތަކެއް ހޯދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ވަޒީރު ވިދާޅުވީ އޭޝިއާގެ އެންމެ މަތީ ފަންތީގައި ދިވެހި އެތުލީތުން މިވަގުތު ވާދަކުރުމަކީ އޭޝިއަން ގޭމްސް އިން ވެސް ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރެވޭކަމެއްކަމަށެވެ. އެހެންކަމުން އޭޝިއަން ގޭމްސްއިން މެޑަލް ހޯދާ ފުރަތަމަ ކުޅިވަރަކަށް ސާފިން ވާނެކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.