އޭޝިއަން ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރާ ދިވެހިރާއްޖޭގެ ފިރިހެން ޓީމަށް، ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިއެވެ.
ހެންވޭރު ބޯޅަ ގޭގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ޓީމް ކުޅުންތެރިންނާއި އޮފިޝަލުންނަށްވަނީ ޖާޒީ ހަވާލްކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސްގެ އިސްވެރިންވެސް ބައިވެރިވެވަޑަައިގެންނެވިއެވެ.
އޭޝިއަން ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 އޮންނާނީ މިމަހުގެ ހަޔަކުން ސޯޅައަށް އޮމާންގެ ވެރިރަށް މަސްކަޓްގައެވެ. މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން 10 ޤައުމަކުން ވާދަކުރާނެއެވެ.
މި މުބާރާތަށް ޤައުމީ ޓީމް ތައްޔާރުވީ ޕާކިސްތާންގެ ތަޖުރިބާކާރު ކޯޗު އާސިމް ރަޝީދުގެ ބެލުމުގެ ދަށުންނެވެ. ޕާކިސްތާނަށް ބީޗް ހޭންޑްބޯޅައިން ގިނަ މެޑަލްތަކެއް ހޯދައިދީފައިވާ، އާސިމް އަކީ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން (އައިއެޗްއެފް) އާއި އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަނުގައި ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ.