އޭސީސީ 16 އަހަރުން ދަށުގެ ފިރިހެން އީސްޓް ޒޯން ކަޕް 2025 ގައި ވާދަކުރާ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމަށް، ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިއެވެ.
ޓީމް ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް އޮތް ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރުގެ އިތުރުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިސްވެރިންވެސް ބައިވެރިވެވަޑަައިގެންނެވިއެވެ.
ވަޒީރު ރާފިޢު، ޒުވާން އުމުރުގައި ރަނގަޅަށް ތަމްރީންވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިގޮތުން ކުޅިވަރުގެ "ސްކިލް"އެއް މާސްޓާކުރުމަށް ކުރަން ޖެހޭ މަަސައްކަތާ ގުޅޭގޮތުންވެސް ޓީމްގެ ކުޅުންތެރިންނަށް އޭނާ އިރުޝާދުދެއްވިއެވެ.
ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެކުވެނި ދަނޑު ކްރިކެޓަށް ހާއްސަކުރުމަށް މި ދައުރުގައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ކްރިކެޓްގެ ފެންވަރު މަތިކުރުމުގެ ގޮތުން ޒުވާނުންގެ ތަރައްގީގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ މުހިންމުކަމަށެވެ. އޭނާ ވަނީ ޖޫނިއާ އެތުލީޓުން ކުރިއަރުވައި މުބާރާތްތަކުގައި ވާދަކުރުމަށް ބޭނުންވާ އެހީތެރިކަން ހުރިހާ އެންމެންގެ ފަރާތުން ބޭނުންވާކަމަށެވެ.
އޭޝިއަން ކްރިކެޓް ކައުންސިލްގެ 16 އަހަރުން ދަށުގެ ފިރިހެން އީސްޓް ޒޯން ކަޕް 2025 ގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމު އިއްޔެ ވަނީ މެލޭޝިއާއަށް ފުރާފައެވެ.
މުބާރާތުގައި ވާދަކުރަނީ ދިހަ ޓީމެކެވެ. ރާއްޖެ ވާދަކުރާ ގްރޫޕްގައި ހިމެނެނީ މެލޭޝިއާ، ހޮންކޮންގް ޗައިނާ، ތައިލެންޑް، އަދި މިޔަންމާއާ އެކުގަ އެވެ. ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖޫން 24 ވަނަ ދުވަހު އެވެ.