އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މެރިއޮޓް އިންޓަރނޭޝަނަލްއާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

07 މާރިޗު 2023

ނެޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މެރިއޮޓް އިންޓަރނޭޝަނަލް އާއެކު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އިން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.
ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓްރީގެ އިސް ވެރިންނާއި މެރިއޮޓް ރިސޯޓްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހުސައިން ޝަރީފެވެ. އަދި މެރިއޮޓް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އޭރިއާ ޑިރެކްޓަރ އޮފް ހިޔުމަން ރިސޯސް – މެލޭޝިއާ، ސިންގަޕޯރ އެންޑް މޯލްޑިވްސް އެމާ ޖޯންސްއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން މެރިއޮޓް އިންޓަރނޭޝަނަލްއިން ރާއްޖޭގައި ހިންގާ ހަތް ރިސޯޓެއްގައި ޒުވާނުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އެގޮތުން 5 އަހަރު ދުވަހަށް ބަހާލެވިގެ ތަފާތު 9 ދާއިރާއަކުން ޒުވާނުން ތަމްރީނުކުރުމަށް ޖުމްލަ 250 ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ދިނުމަށް ވަނީ ނިންމާފައެވެ.
ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ތަފާތު ދާއިރާތަކުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމާއެކު މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ ޒުވާނުންނަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ޒިންމާދާރު ބަޔަކަށް ހެދުމެވެ.