އެންޓީ-ޑޯޕިން އޮފިޝަލުން ތަމްރީންކުރާ ޕްރޮގްރާމެއް ކާމިޔާބުކަމާއިއެކު ނިންމާލައިފި

13 ފެބްރުއަރީ 2025

"އެންޓި-ޑޯޕިން އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް"ގެ ނަމުގައި އެންޓި-ޑޯޕިން އޮފިޝަލުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ. 
ސައުތު އޭޝިއަން ރީޖަނަލް އެންޓި-ޑޯޕިން އޯގަނައިޒޭޝަން (ސަރާޑޯ) އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އަދި ކޮރެއާގެ އެންޓި-ޑޯޕިން އޭޖެންސީ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ސާކް ސަރަހައްދުގެ ގައުމުތަކުން 16 ބައިވެރިން ތަމްރީންވި އެވެ. ކޮރެއާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރަކާއިއެކު ކުރިއަށްދިޔަ މި ޓްރެއިނިން ކުރިއަށްދިޔައީ ދެ ދުވަހުގެ މުއްދަތަކަށެވެ. 
ހެންވޭރު ބޯޅަގޭގެ ސެމިނާ ރޫމުގައި ކުރިއަށްދިޔަ މި ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ދައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އެވެ. މީގެ އިތުރުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާގް އިބްރާހިމް އާއި ސަރާޑޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. 
މި ތަމްރީން ޕްރޮގްރާމްގައި އެންޓި-ޑޯޕިންއާ ދެކޮޅަށް ހިންގޭ ހަރަކާތްތަކާއި، އެކަމުގެ މަޢުލޫމާތު ބައިވެރިންނާ ވަނީ ހިއްސާކުރެވިފަ އެވެ. އަދި ކުޅިވަރުގެ ފެއާ ޕްލޭ ގާއިމްކުރުމަށް ކޮންމެހެން އިނގެންޖެހޭ މުހިންމު މައުލޫމާތުތަކާއި، ސްޓްރެޓެޖީތައް ބައިވެރިންނާ ވަނީ ހިއްސާކުރެވިފަ އެވެ.