އެމް.އެން.އައި.އެސް އިން ކުރިޔަށްގެންދިޔަ ނެޓްބޯޅަ ކޯޗިންގ ކޯސް ނިންމާލައިފި

24 މާރިޗު 2023

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ އިންޓްރޮޑަކްޓަރީ ނެޓްބޯލް ކޯޗިންގ ކޯސް ނިންމާލައިފިއެވެ.
މި ކޯސް ކުރިޔަށް ގެންގޮސްފައިވަނީ 18 މާރިޗު 2023 އިން 22 މާރިޗު 2023 އަށް މާލޭ ސިޓީގައެވެ. މި ކޯހުގައި ޖުމްލަ 25 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ 22 އަންހެން ބައިވެރިންނާއި 3 ފިރިހެން ބައިވެރިންނެވެ.
5 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިކޯހުގައި ނެޓްބޯލް ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވުނެވެ. އަދި ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަންދެވިފައިވެއެވެ.3
ކޯހުގެ މަޤްސަދަކީ ނެޓްބޯލް ކުރިއެރުވުމަށް ކޯޗުން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން ނެޓްބޯޅައަށް ކުދިން އަހުލުވެރި ކުރުވާނެ ކޯޗުން ތަމްރީން ކުރުމެވެ. މި ކޯހުން ފާސްވެ ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 21 ބައިވެރިންނެވެ.
މިކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވީ ނެޓްބޯލް ކޯޗިންގެ ތަޖުރިބާކާރު ކޯޗެއް ކަމުގައިވާ ނީޝާ ޙަލީމެވެ.