އެމް.އެން.އައި.އެސް އިން އިންތިޒާމްކޮށްގެން ނެޓްބޯޅަ ކޯޗިންގ ކޯހެއް ފަށައިފި

20 މާރިޗު 2023

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން އިންޓްރޮޑަކްޓަރީ ނެޓްބޯލް ކޯޗިންގ ކޯހެއް ފަށައިފިއެވެ.
މި ކޯސް ކުރިޔަށްދާނީ 18 މާރިޗު 2023 އިން 22 މާރިޗު 2023 ގެ ނިޔަލަށް މާލޭ ސިޓީގައެވެ.
މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.
5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިކޯހުގައި ނެޓްބޯލް ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވޭނެއެވެ. އަދި ނެޓްބޯޅައިގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަމެއްދެވޭނެއެވެ.
މި ކޯހުގެ މަޤްސަދަކީ ނެޓްބޯލް ކުރިއެރުވުމަށް ކޯޗުން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ކޯޗުން ތަމްރީން ކުރުމެވެ. މިގޮތުން ކޯހުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޕީ.އީ ޓީޗަރުންނާއި ނެޓްބޯލްގައި ހަރަކާތްތެރިވާ ކުދިންނަށް އިސްކަންދެވޭނެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވަނީ މި ދާއިރާގެ ތަޖުރިބާކާރު ބޭކަނބަލެއް ކަމުގައިވާ ނީޝާ ޙަލީމެވެ.