އެމް.އެން.އައި.އެސް އިން އިންތިޒާމްކޮށްގެން ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފި

05 ޑިސެމްބަރު 2022

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ބޭސިކް ހޭންޑްބޯލް ކޯޗިންގ ކޯހެއް ފަށައިފިއެވެ.
 ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީން  ކުރާ މަސައްކަތުގެ ތެރެއިން ކުރިޔަށްގެންދާ މި ކޯސް ކުރިޔަށްދާނީ ޑިސެމްބަރ މަހުގެ 4 އިން 12 ގެ ނިޔަލަށް މާލޭ ސިޓީގައެވެ. މި ކޯސް ކުރިޔަށްދަނީ 20 އަންހެން ބައިވެރިންނާއި، 15 ފިރިހެން ބައިވެރިންނާއެކު ޖުމްލަ 35 ބައިވެރިންނާއެކުއެވެ. 
9 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިކޯހުގައި ހޭންޑްބޯލްގެ ކޯޗެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވޭނެއެވެ. މި ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަމެއްދެވޭނެއެވެ.
މި ކޯހުގެ މަޤްސަދަކީ ހޭންޑްބޯލް ކުރިއެރުވުމަށް ކޯޗުން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ކޯޗުން ތަމްރީން ކުރުމެވެ. މިގޮތުން ކޯހުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޕީ.އީ ޓީޗަރުންނާއި، ސްކޫލް ޕީޓީއޭ، އަދި ހޭންޑްބޯލްގައި ހަރަކާތްތެރިވާ ކުދިންނަށް އިސްކަންދެވޭނެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައި ދެއްވަނީ އިބްރާހިމް ހައިޝަމް އަބްދު ﷲ އާއި ނަޝްފާ އާމިރާއެވެ.