މެލޭޝިއާގެ އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި، ވާދަކުރި ރާއްޖޭގެ ޒުވާން ޓީމަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލް ރައްޒާގު އިބްރާހީމް އާއި ކުޅިވަރު ވުޒާރާ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިންނެވެ.
މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށްދިޔަ، އެމްބީއޭ މުބާރާތުގައި ވާދަކުރީ ރިވައިވަލްގެ ކޮންޓްރެކްޓްގައި ހުރި، ނިބާލް އަހުމަދު، ޒަޔާން ޒަކީ، ހަސަން ޒަޔާން މުހައްމަދު އަދި ގައުމީ ސްކޮޑުގައި ހިމެނޭ އަދި ރިވައިވަލްއާ އެކު، ގިނަ މުބާރާތްތަކެއް ކުޅޭ، އައިމިނަތު ނަބީހާ އާއި ފާތުމަތު ނަބާހާ އެވެ. މި ކުޅުންތެރިން ހިމެނޭ ގޮތަށް ވަނީ ޖުމްލަ އެކު، ހަތް މެޑަލް ހޯދައިފަ އެވެ. އެއީ، ތިން ރަން މެޑަލާއި ތިން ލޯ މެޑަލް އަދި އެއް ރިހި މެޑަލް އެވެ.
ރަން މެޑަލް ލިބުނީ، އަންހެން ޑަބަލްސް އިން އައިމިނަތު ނަބީހާ (ނަބީ)، ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އަށާއި ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އަށް އަދި މިކްސް ޑަބަލްސްގައި ޒަޔާން އާއި ނަބާގެ ޕެއާ އަށެވެ. ރިހި މެޑަލް ލިބުނީ އަންހެން ސިންގަލްސް އިން ނަބާ އަށެވެ. އަދި ލޯ މެޑަލް ހާސިލްކުރީ، މިކްސް ޑަބަލްސް އިން ނަބީ އާއި ނިބާލްގެ ޕެއާ އާއި ފިރިހެން ސިންގަލްސް އިން ނިބާލް އަދި އަންހެން ސިންގަލްސް އިން ނަބީ އެވެ.