އެޗްޑީސީގެ އެމްޑީ މަޢުރޫފް ޖަމީލްއާ، ވަޒީރު ރާފިޢު ބައްދަލުކުރައްވައިފި

09 ޖެނުއަރީ 2025

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މަޢުރޫފު ޖަމީލްއާ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު  ބައްދަލުކުރައްވައިފި އެވެ. 
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމަކީ  ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހުޅުމާލޭގައި ހުރި ކުޅިވަރާއި ގުޅުންހުރި ބިންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިިއަށްދިޔަ ބައްދަލުވުމެކެވެ. 
ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ކުޅިވަރަށް ހާއްސަކުރެވިފައިވާ މުހިންމު ބިންތަކެއް އެބަހުއްޓެވެ. މިގޮތުން ފޭސް އެކެއްގައި އަޅަން ހަމަޖެހިފައިވާ ނެޓްބޯޅަ ކޮމްޕްލެކްސް އާއި ފޭސް ދޭއްގައި އަޅަން ނިންމާފައިވާ ފުޓްސަލް ކޮމްޕްލެކްސް އަށް ބިން ކަނޑައަޅައި އެ ބިން ވަނީ މިދިޔަ އަހަރު ހަވާލުކުރެވިފަ އެވެ. އަދި މީގެ އިތުރުންވެސް ކުޅިވަރުގެ އެކި ވަސީލަތްތައް ތަރައްގީކުރުމަށް އެކި ބިންތައް ބޭނުންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފަ އެވެ. 
މި ބައްދަލުވުމުގައި ކުޅިވަރު ވުޒާރާ އާއި އެޗްޑީސީ ގުޅިގެން މިހާރަށްވުރެ ހަރުދަނާ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިޔުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.