ދުޅަހެޔޮ ސިއްޙަތަކަށް އަހުލުވެރިކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާޙްކޮށްދެއްވައިފި

16 ފެބްރުއަރީ 2025

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދުޅަހެޔޮ ސިއްޙަތަކަށް އަހުލުވެރިކުރުމުގެ ޤައުމީ ކެމްޕެއިން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އިފްތިހތާޙްކޮށްދެއްވައިފި އެވެ. 
ޤައުމީ ޔުނިވާސިޓީ އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ގައުމީ ފެންވަރުގެ ޕްރޮގްރާމެކެވެ. 
މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ރާފިޢު ވިދާޅުވީ މި ކެމްޕެއިނަކީ ރާއްޖޭގެ މުޖުތަމަޢުއަށް ނުހަނު ބޭނުންތެރި ކެމްޕޭނެއްކަމަށާއި، ހަރަކާތްތެރި މުޖުތަމަޢުއަކަށް އެންމެންވެސް ބާރު އަޅަންޖެހޭ ކަމަށެވެ. އަދި ރަނގަޅު ކާނާ ކެއުމަށް ހިތްވަރުދީ ދުޅަހެޔޮ ދިރިއުމެއްގެ ސަޤާފަތެއް އޮންނަ މުޖުތަމަޢެއް ބިނާ ކުރަން ޖެހޭކަމަށެވެ. 
ވަޒީރު ވިދާޅުވީ މަސައްކަތް ކުރާ ތަންތަނާއި މުޖުތަމަޢުގައި ފިޓްނަސްއާއި ގުޅުން ހުރި ޕްރޮގްރާމްތައް ހިންގާ، ހަރާކާތްތެރިވުމުގެ މުހިންމުކަން އެންމެންނަށް އަންގައިދިނުމަކީ އެންމެން ގުޅިގެން މިވަގުތު ކުރެވޭނެ މުހިންމު ކަމެއްކަމަށެވެ. 
ދުޅަހެޔޮ މުޖުމަތަޢުއެއް ބިނާކުރުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ބައެއް ކަންކަމުގެ މަޢުލޫމާތު ހިއްސާކުރައްވާ ވަޒީރު ރާފިޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނެންގެވުމާއެކު ދަރިވަރުން ފިޓްނަސްއަށް އަހުލުވެރިކުރުވުމުގެ ޤައުމީ ހަރަކާތެއް ސްކޫލްތަކުގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިކަމުގެ ސަބަބުން ޅަ އުމުރުގައި ކުދިންނަށް މިކަމުގެ މަޢުލޫމާތު ލިބި ހޭލުންތެރިކުރެވޭނެކަމަށް ވަޒީރު ވިދާޅުވި އެވެ. 
ރާފިޢު ވިދާޅުވީ ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާ ކުރުމަށް ކުޅިވަރު ވުޒާރާއިން ހިންގާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއްކަމަށެވެ.  މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާތަނަށް 260 އަށްވުރެ ގިނަ ލީޑަރުން މިހާރު ތަމްރީނު ކުރެވިފައިވާކަމަށެވެ.