ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް އެހީތެރިވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އައު

23 އޭޕްރީލު 2025

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025އަށް، ކުޅިވަރު ވުޒާރާއިން އެހީތެރިވެދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ކުޅިވަރު ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބު މުޙައްމަދު އަޙުމަދު އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާޢު މުޙައްމަދުގެ އިތުރުން ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ސާމިޙު އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒާއި ގުޅުންހުރި މަޢުލޫމާތުތައް ބީސީސީގެ އިސްވެރިންވަނީ ކުޅިވަރު ވަޒީރާ ހިއްސާކުރައްވާފައެެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާއަށް މި މަޢުރަޒުގައި އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި މަޢުރަޒު ބޭއްވުމުގައި ކުޅިވަރު ވުޒާރާގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ރާފިޢު ދެއްވިއެވެ.
މެއި މަހުގެ 23 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ މަޢުރަޒުގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރި ކުންފުނިތަކާއި، ރަށްތަކާއި، ސިޓީތަކާއި، ތަޢުލީމީ މަރުކަޒުތަކުގެ އިތުރުން ޚާއްޞަ އެހީއަށް ވޭނުންވާ ފަރާތްތަކުންވެސް ބައިވެރިވާނެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަޢުރަޒުގައި 500އެއްހާ ބައިވެރިންގެ އުފެއްދުންތައް ފެންނާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ.