ދަރިވަރުންގެ ވޯލްޑް ކަޕް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ބައިވެރިވެވަޑައިގަންނަވައިފި އައު

12 ޖުލައި 2025

ކުޅިވަރުގެ ރޮނގުން ކުރިއަށްދިޔުމަށް ހިތްވަރުދީ، އިތުރު ފުރުސަތުތައް ހުޅުވައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ "ސްޓޫޑެންޓްސް ވޯލްޑް ކަޕް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
އެކި ކުޅިވަރުތަކުން ގިނަ ކާމިޔާބީތައް ހޯދާފައިވާ އިންޑިއާގެ ކުރީގެ ކުޅުންތެރިން އިސްނަގައިގެން ހިންގާ މި ހަރަކާތުގެ ބައިނަލްއަގްވާމީ "ލޯންޗިން"ގައި ކޮމަންވެލްތުގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ލުއިސް ފްރަންޗެސްޗީ އާއި އިންޑިއާގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ އިފްތިތާހީ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ބައިވެރިވެވަޑައިގެންނެވީ "ސްޓޫޑެންޓްސް ވޯލްޑް ކަޕް"ގެ ހިންގާ ކޮމިޓީން ދެއްވި ހާއްސަ ދަޢުވަތަކަށެވެ. މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މިފަދަ ހަރަކާތެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިގޮތުން ސްކޫލް ދައުރުގައި ކުޅިވަރުގެ ރީތި އަހުލާގު ދަސްކުރުމާއި، ކުޅިވަރުގެ ސަބަބުން ދަރިވަރުންނަށް އަންނާނެ ހެޔޮ ބަދަލުތަކާއި، އެކަމުގެ ސަބަބުން މުސްތަގްބަލަށް އަންނާނެ ހެޔޮ ބަދަލުތައް ފާހަގަކުރެއްވިއެވެ.
"ސްޓޫޑެންޓްސް ވޯލްޑް ކަޕް"ގެ އަމާޒަކީ ކުޅިވަރުގެ ތެރެއިން އެކި ޤައުމުތަކާއި އެކި ސަގާފަތުގެ ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދީ ކުޅިވަރުން ކުރިއަށްދިޔުމަށް ހިތްވަރުދިނުމެވެ.
"ސްޓޫޑެންޓްސް ވޯލްޑް ކަޕް"ގެ އިންތިޒާމްކުރާ ފަރާތުގެ އަމާޒަކީ ދުނިޔޭގެ އެކި ހިސާބުތަކުން 5 މިލިއަން ސްކޫލްގެ ދަރިވަރުން މި ހަރަކާތުގައި ބައިވެރިކުރުމެވެ. މިގޮތުން އިންޑިއާ އިން އެކަނި 1.5 މިލިއަން ސްކޫލް ބައިވެރިކުރުމަކީ މި ހަރަކާތުގެ އަމާޒެވެ.