ދަރަވަންދޫގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށަނީ!

14 އޯގަސްޓު 2025

ބ. ދަރަވަންދޫގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބ. ދަރަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުޅިވަރުކުޅޭ ފަރާތްރަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދިނުމަކީ ވަރަށް އިސްކަންދޭކަމެއްކަމަށެވެ. އެގޮތުން ދަރަވަންދޫގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދަނޑުގެ ލައިޓް ހަރުކުރުމުގެ އިތުރުން ދަރަވަންދޫގައި އެހެން ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ވާނީ ނިންމާފައެވެ. މިއަހަރު ކުރިއަށް ގެންދެވެން ހުރި މަޝްރޫޢުތައް ފަށާނެކަމަށާއި މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މިފަދަ ބައެއް ކުޅިވަރު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.