ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ އާއި، ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މިއަދު މެންދުރުފަހު ހުޅުލޭ އައިލެންޑް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. އަދި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޑޮން ޖިން ސޮން އެވެ.
މި އެމްއޯޔޫގެ ދަށުން ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވާނެ އެވެ. މީގެ އިތުރުން ކުޅިވަރާއި ގުޅުން ހުރި ދާއިރާތަކުން މީހުން ބިނާކުރުން، ވަކިން ހާއްސަކޮށް މެޑިކަލް އޮފިޝަލުން އަދި އެންޓި-ޑޯޕިން ސްޕެޝަލިސްޓުން ހިމެނެ އެވެ. މީގެ އިތުރުން ކޯޗުންނާއި ކުޅިވަރުގެ ޓެކްނިކަލް އޮފިޝަލުން ހިމެނެ އެވެ.
ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯއާ ދެމެދު މި ވެވުނު އެމްއޯޔޫއަކީ ދެ ގައުމުގެ ބަދަހި ގުޅުމުގެ ހެއްކެކެވެ. މިގޮތުން މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވެސް ފުޖިއާން ޕްރޮވިންސްއަށް ވަޑައިގެން ކުޅިވަރު ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިދިޔަ ޖެނުއަރީ މަހު ކުޅިވަރު ވަޒީރު ވަނީ ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ދަޢުވަތަކަށް އެ ޕްރޮވިންސްގައި އޮތް މެރެތަންއެއްގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ.