ތުރުކީގެ ކޮންޔާގައި މިހާރު ކުރިޔަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ބައިން ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމު ހޯދި ބްރޯންޒް މެޑަލްއާއެކު ރާއްޖެ އައުމުން ހޫނު މަރުުހަބާއެއް ކިޔައިފިއެވެ.
ގައުމީ އަންހެން ޓީޓީ ޓީމު ރާއްޖެ އައުމުން އިއްޒުއްދީން ފާލަމުން ޓީމަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފްގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
އަދި މީގެ އިތުރުން ޓީމަށް މަރުހަބާ ކިއުމަށް ކުޅުންތެރިންގެ ބެލެނިވެރިންގެ އިތުރުން އާންމުން ރައްޔިތުންވެސް ވަނީ އިއްޒުއްދީން ފާލަން ސަރަހައްދަށް ޖަމާވެފައެވެ.
ޓީޓީ ޓީމު އެމްއެންޑީއެފްގެ ހަތްކޮޅާއެކު އިއްޒުއްދީން ފާލަމުން ރަސްމީ އިއްޒަތުގައި ރައީސް އޮފީހަށް ހިނގާފައި ދިޔައިރު، ރައީސް އޮފީސް ދޮރުމަތިން ޓީޓީ ޓީމަށް މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމްއެވެ.
އެއަށްފަހު ރައީސް އޮފީހުގައި ވަނީ ޓީޓީ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.