އޭޝިއާ ކަޕްގެ ސާބާ ކޮލިފައިން މުބާރާތުން ތިން ވަނަ ހޯދި ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މަރުޙަބާ ދަންނަވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖޫނިއާ ބާސްކެޓްބޯޅަ ޓީމަށް މަރުޙަބާ ދެންނެވީ މިނިސްޓަރ ރާފިޢުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟްގެ އިތުރުން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަޙުމަދު އާދަމް އެވެ.
ސާބާ ކޮލިފައިންގައި ޖޫނިއާ ބާސްކެޓްބޯޅަ ޓީމުން ވަނީ މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި ބަންގްލަދޭޝްގެ މައްޗަށް 59-57 އިން ކުރި ހޯދާފަ އެވެ. މުބާރާތުގައި މި ދެ ޓީމްގެ އިތުރުން ދެން ވާދަކުރީ އިންޑިއާ އާއި ސްރީލަންކާ އެވެ.