ބޮޑީބޯޑިން އެސޯސިއޭޝަނާ ވަޒީރު ރާފިޢު ބައްދަލުކުރައްވައިފި

24 ޑިސެމްބަރު 2024

ބޮޑީބޯޑިން އެސޯސިއެޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ)ގެ އިސްވެރިންނާ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފި އެވެ.
ކުޅިވަރު ވުޒާރާގައި އޮތް ބައްދަލުކުރެއްވުމަކީ އެމްބީބީއޭގެ މިއަހަރުގެ އަހަރީ ރިޕޯޓާއި، އެ އެސޯސިއޭޝަނުން ހިންގާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެމްބީބީއޭ އިން އަންނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކާއި، ކުޅިވަރު ވުޒާރާއާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކަންކަންވެސް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފަ އެވެ.
އެމްބީބީއޭގެ އިސްވެރިން ވަނީ އެ އެސޯސިއޭޝަނުން މިއަހަރު ހިންގި ހަރަކާތްތަކަށް ވުޒާރާ އިން ދެއްވި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު ދަންނަވާފަ އެވެ.
މި ބައްދަލުވުމުގައި ކުޅިވަރު ވަޒީރު ވަނީ މިއަހަރު އެމްބީބީއޭ އިން ހޯދި ކާމިޔާބީތައް ފާހަގަކުރައްވާފަ އެވެ. އަދި އަންނަ އަހަރަށް އެމްބީބީއޭ އިން ރާވާފައިވާ ކަންކަން ކުރިއަށްގެންދިޔުމަށް އެ ވުޒާރާއިން ވެ ދެއްވާނެ އެހީތެރިކަމުގެ ތަފްސީލްތައް ހިއްސާކުރެއްވި އެވެ.