ބަންގްލަދޭޝް އެމްބަސީގެ ފަރާތުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި އެވެ.
އެމްބަސީގެ ފަރާތުން ހަދިޔާކުރި ކުޅިވަރު ސާމާނުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟް އެވެ. ބަންގްލަދޭޝް އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ބަންގްލަދޭޝް ހައި ކޮމިޝަނަރ ރިއާ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އަޒާދު އެވެ.
ދިވެހިރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ހިމެނެނީ 100 ފުޓްބޯޅަ އާއި 90 ވޮލީބޯޅަ އާއި 100 ފުޓްސަލް ބޯޅައިގެ އިތުރުން 100 ބިބް އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރައިގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރު ސާމާނުތަކާ ހަވާލުވެލެއްވުމަށްފަހު ސްޓޭޓް މިނިސްޓަރ ވިދާޅުވީ ބަންގްލަދޭޝް އަކީ އަބަދުވެސް ދިވެހި ކުޅިވަރަށް ގިނަ އެހީތަކެއް ވެދެއްވާ ގައުމެއްކަމަށާއި، މިފަހަރު މި ދެއްވި އެހީއާއިއެކުވެސް ދިވެހި ކުޅިވަރަށް އިތުރު ކުރިއެރުން އަންނާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބަންގްލަދޭޝް ހައި ކޮމިޝަނަރ ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމްތަކަށް ލިބިފައިވާ ކުރިއެރުން މިހާރު ވަރަށް ބޮޑަށް ފެންނަކަމަށާއި، ބަންގްލަދޭޝްގެ ޓީމްތައް އަތުން ކުރިން ދިވެހިރާއްޖެ ބަލިވި ނަމަވެސް މިހާރު އެ މަންޒަރު ބަދަލުވެފައިވާކަމަށެވެ.