ބާސްކެޓްބޯލް ޖޫނިއަރ ރެފްރީސް އަދި ޓޭބަލް އޮފިޝަލުން ތަމްރީން ކުރުމަށް ކުރިޔަށްގެންދިޔަ ކޯސް ނިންމާލައިފި

06 ނޮވެމްބަރު 2023

ޖޫނިއަރ ބާސްކެޓްބޯލް ރެފްރީސް އަދި ޓޭބަލް އޮފިޝަލުން ތަމްރީން ކުރުމަށް ކުރިޔަށްގެންދިޔަ ކޯސް ނިންމާލައިފިއެވެ. 
މި ކޯހަކީކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެއެވެ.
 22 އޮކްޓޯބަރ 2023 އިން 30 އޮކްޓޯބަރ 2023 އަށް މާލޭ ސިޓީގައި ކުރިޔަށްގެންދިޔަ މި ކޯހުގައި ޖުމްލަ 19 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެއީ 13 އަންހެން ބައިވެރިންނާއި 06 ފިރިހެން ބައިވެރިންނެވެ.
މިކޯހުގެ މަޤްސަދަކީ ބާސްކެޓްބޯޅަ ކުރިއެރުވުމަށް ރެފްރީންނާއި ޓޭބަލް އޮފިޝަލުން އުފައްދައި، މަދަރުސީ ދައުރުން ފެށިގެން މިކުޅިވަރަށް ކުދިން އަހުލުވެރި ކުރުވާނެ ރެފްރީއިން ތަމްރީން ކުރުމެވެ. މި ކޯހުން ފާސްވެ ސެޓްފިކެޓް ހާޞިލްކޮށްފައިވަނީ 13 ބައިވެރިންނެވެ.  
 މިކޯހުގައި ބާސްކެޓްބޯޅަ ރެފްރީން އަދި ޓޭބަލް އޮފިޝަލުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކަންކަމަށް ބައިވެރިން ތަމްރީން ކުރެވުނެވެ. ކުޅިވަރުގެ އަސާސީ ކަންކަމަށާއި އަޚްލާގް ދެމެހެއްޓުމަށް ތަމްރީންތަކުގައި އިސްކަންދެވިފައިވެއެވެ.
މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައި ދެއްވީ ބާސްކެޓްބޯޅައިގައި ރެފްރީއިންގެ ތަޖުރިބާކާރު 2 ކޯޗުންކަމުގައިވާ މުޙައްމަދު ވަހީދު އާއި މުޙައްމަދު ސާޚީ އަބްދުލް ޤަފޫރެވެ.