ބ. ފުޅަދޫގައި އެފްއާރުސީ ޤާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ބ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ފުޅަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފުޅަދޫގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާވަނީ އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. މި އަހަރު ތެރޭގައި ފުޅަދޫގައި މި މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުޅަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވޮލީކޯޓު އެޅުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި އަދި ހިމެނިފައެއް ނެތް ކަމަށާއި، މިއަންނަ އަހަރަށް ބަޖެޓު ފާސްކުރާއިރުގަ ކުޅިވަރުގެ ދާއިރާއިން ފުޅަދޫގައި ކުރިއަށްގެންދާނެ މަޝްރޫއުއެއް ގޮތުގައި މިކަން ވީހާވެސް ކުރީކޮޅުގަ ފަށައިގެން ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ.