އިންޑިއާއާ ދެކޮޅަށް މިމަހުގެ 19ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗާއި، އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި މިމަހުގެ ފަހުކޮޅު ފިލިޕީންސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނަ ޓީމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ހިތްވަރުދެއްވައިފިއެވެ.
އިންޑިއާ އަށް ފުރުމުގެ ކުރިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ޤައުމީ ޓީމާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ ފުޓްބޯޅަ ސީޒަން ނުފެށި އޮތް ދަނޑިވަޅެއްގައި ޤައުމީ ޓީމެއް އެކުލަވާލަން ޖެހުނުނަމަވެސް، ކުޅުންތެރިންނާއި ކޯޗުންގެ ފާރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފައެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރަން ޖެހުނީ ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެ އެ އިދާރާ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދަރަނިވެރިވުމުންނެވެ.
ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާއިއެކު އެފްއޭއެމްގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ސަރުކާރުންވެސް އަންނަނީ އެފްއޭއެމަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވަމުންނެވެ.
މިގޮތުން ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކޮށްދެއްވައި، އާ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައިވެސް ސަރުކާރުން އަންނަނީ އެހީވަމުންނެވެ.
ޤައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ ޤައުމީ ޓީމް ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުސަތެއްގައިވެސް ކުޅިވަރުގެ ރީތި އަހުލާގާއި، ޤައުމީ ރޫހާއިއެކު ކުޅުމަށް، ކުޅުންތެރިންގެ ކިބައިން ވަޒީރު ވަނީ އެދިފައެވެ.