އަރުތަ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށް، އަރުތަ ޖިމް ހުޅުވައިފި

02 އޭޕްރީލު 2023

‏ރާއްޖޭގެ ކުޅިވަރުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށް، ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ޚާއްސަ ކުރެވިގެން ގާއިމުކުރެވުނު ޖިމް ކަމަށްވާ "ސެންޓަރ ފޯރ ފިޓްނަސް އެންޑް ސްޕޯޓްސް ރިހެބިލިޓޭޝަން" ހުޅުވައިފިއެވެ.
  އަރުތަ ޕްރޮގްރާމް ރަސްމީކޮށް ލޯންޗުކޮށް، ޖިމް ހުޅުވާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ޖިމް ރަސްމީކޮށް ހުޅުއްވައިދެއްވީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ ކުޅަދާނަ ފުޓްބޯޅަ ނޫސްވެރިޔާ، އިޓަލީގެ ފަބްރީޒިއޯ ރޮމާނޯއެވެ.
އަރުތަ ޕްރޮގްރާމަކީ އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުންމީދީ ގިނަ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.
އަރުތަ ޕްރޮގްރާމް ލޯންޗުކުރުމުގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އަރުތަ ޖިމް ވެސް ހުޅުވާފައެވެ. ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި، ހެދި މި ޖިމްގައި އެންމެ ފަހުގެ ވަސީލަތްތައް ހުރެ އެވެ. މި ޖިމް މެނޭޖްކުރާނީ ބޮޑީބިޑިން ފެޑެރޭޝަނުންނެވެ. އެ ފެޑެރޭޝަނާ އެކު ރޭ މިނިސްޓްރީން ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި ޖިމްގައި އިންޖަރީ ރިހެބިލިޓޭޝަން އެންޑް ރިވަކަރީ ބައެއް ވެސް ހިމެނެ އެވެ.