އަމީނިއްޔާ ސްކޫލް ފުޓްސަލް ދަނޑު މިނިސްޓަރ ހުޅުއްވައިދެއްވައިފި

01 މާރިޗު 2023

އަމީނިއްޔާ ސްކޫލްގައި އަޅާފައިވާ ފުޓްސަލް ދަނޑު މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހްލޫފް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ފުޓްސަލް ދަނޑު ހުޅުވުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އަޙުމަދު މަޙްލޫފްގެ އިތުުރުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން އަމީނިއްޔާ ސްކޫލްގެ އިސްވެރިންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފައެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ދަރިވަރުންގެ މެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗަކާއި ހޭންޑް ބޯލް މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން ފުޓްސަލް މެޗުގައި މިނިސްޓަރ އަޙުމަދު މަޙްލޫފް ވަނީ ދަރިވަރުންނާއެކު މި މެޗުގައި ކުޅުއްވާފައެވެ.
2000 އަށް ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރަމުން އަންނަ އަމީނިއްޔާ ސްކޫލްގެ ގޯތިތެރޭގައި އަޅާފައިވާ ފުޓްސަލް ދަނޑަކީ ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ އެންމެ ފަހުގެ ޒަމާނީ ފުޓްސަލް ދަނޑެކެއެވެ.