އަމާޒަކަށްވާންވީ އަބަދުވެސް ކާމިޔާބީ ހޯދުން - ވަޒީރު ރާފިޢު

05 ސެޕްޓެމްބަރު 2024

އަބަދުވެސް އަމާޒަކަށް ހަދަންވީ ކާމިޔާބީ ހޯދުންކަމަށާއި، ކުރިއަށްވުރެ ރަނގަޅަށް ކުޅެ އިތުރު ހަރުފަތެއް ގިރާކުރުންކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ވަޒީރު ރާފިޢު މިހެން ވިދާޅުވީ ކާވާ އަންހެން ވޮލީބޯޅަ ޗެލެންޖު 2024 ގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލްކޮށްދެއްވުމަށްފަހު ޓީމާ ވާހަކަދައްކަވަމުންނެވެ.
ގައުމީ ޓީމްގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައި ވަޒީރު ރާފިޢު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އަބަދުވެސް އަމާޒަކަށް ހަދަންވީ ކާމިޔާބީ ހޯދުމަށްކަމަށެވެ. ކުރިން ވާދަކުރި މުބާރާތަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، އެއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދަން މަސައްކަތްކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރު ވިދާޅުވީ ޓީމްގެ ތެރޭގައި އޮންނަ ގުޅުމާއި، އޮފިޝަލުންގެ މެދުގައި ޓިމާ ދޭތެރޭ އޮންނަ ގުޅުމަކީވެސް ކާމިޔާބު ހޯދަން ބަލާއިރު މުހިންމު އެއްޗެއްކަމަށެވެ. މީގެ އިތުރުން އެސޯސިއޭޝަނާ ދެމެދުވެސް އޮންނަ ގުޅުންވެސް އެއް މުބާރާތުން އަނެއް މުބާރާތަށް ބަދަހިވާން ޖެހޭކަމަށް ވަޒީރު ވިދާޅުވި އެވެ.
”އަމާޒަކަށްވާންވީ އަބަދުވެސް ކާމިޔާބީ ހޯދުން. އެއީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކުރުން، ކުރީ މުބާރާތަށްވުރެ އިތުރު ހަރުފަތެއް ކުރިއަށް ދިޔުން. އެއީ ޓީމް ސްޕިރިޓްގަވެސް، ޓީމް އެފަޓްގައިވެސް. އަޅުގަނޑު ދެކޭ ގޮތުގައި ފާއިތުވެދިޔަ ދުވަސްވަރުގައި އަޅުގަނޑުމެންނަށް ލިބުނު ނަތީޖާއަށް ވުރެ، ރަނގަޅު ނަތީޖާއެއް ލިބުމަކީ މި މުބާރާތް ކާމިޔާބުވުން“
ކާވާ ވުމަންސް ވޮލީބޯޅަ ޗެލެންޖު 2024ގައި ހަތަރު ގައުމަކުން ވާދަކުރެ އެވެ. އެއީ ކިރިގިސްތާން، އަފްގާނިސްތާންގެ އިތުރުން ތަޖިކިސްތާން އެވެ. މި މުބާރާތް މާލޭގައި ކުރިއަށްދާނީ މިމަހުގެ 6-11 އަށެވެ.