އދ. ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލްކޮށްފި

08 ފެބްރުއަރީ 2024

އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް އޮޓެކްސް ޕްރައިވެޓް ލިމިޓެޑާއިއެކު މިއަދު ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަންގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އެވެ. އަދި އޮޓެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަޙުމަދު ޔާފިއު ހުސައިން ހަބީބް އެވެ. 
އަރިއަތޮޅު ދެކުނުބުރީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް  އޮޓެކްސްއާ ހަވާލުކުރީ، އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 54 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.  މި މަސައްކަތުގެ އަގަކީ، 2،899،777.80 (ދެ މިލިއަން އަށް ލައްކަ ނުވަދިހަ ނުވަހާސް ހަތް ސަތޭކަ ހަތްދިހަ ހަތް ރުފިޔާ އަށްޑިހަ ލާރި) އެވެ.