ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހ. މީރުމާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
63 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އެޅުމުގެ އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އެވެ.
2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިކަން ކާމިޔާބުކުރެއްވުމަށް ކުޅިވަރު ވުޒާރާއިން މިހާތަނަށް ވަނީ 87 އެފްއާރުސީއެއް ޤާއިމްކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
އޭގެ ތެރެއިން ތިން އެފްއާރުސީއެއްގެ މަސައްކަތް ނިމިފައިވާއިރު، 28 މަޝްރޫޢުއެއްގެ މަސައްކަތް މިވަގުތު ކުރިއަށްއެބަދެއެވެ.
މީގެ އިތުރުން 43 އެފްއާރުސީއެއް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް މަރުހަލާ ކުރިއަށްދާއިރު، އިތުރު 21 އެފްއާރުސީއެއް ޤާއިމްކުުރުމަށް މި އަހަރާއި އަންނަ އަހަރު ހަވާލުކުރެވޭނެއެވެ.