3 ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

02 އޯގަސްޓު 2023

3ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބަޔަކާއި ހަވާލުކޮށް، ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ހއ.އުލިގަމު، ހދ.ނައިވާދޫ އަދި ރ.ވާދޫ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައެވެ. މި 3 ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އޯޓެކްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.
މި 3 ރަށުގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާރފް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުއާދުއެވެ. އޯޓެކްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙުމަދު ޔާފިއު ހަސަންއެވެ.
މި އެއްބަސްވުންތަކުގެ ދަށުން ހއ.އުލިގަމު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުުގެ މަސައްކަތް ކުރުމަށް އޯޓެކްސް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރީ މަސައްކަތް ފަށާތާ، 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން 4،951،173.65 (ހަތަރު މިލިއަން ނުވަލައްކަ ފަންސާސް އެއްހާސް އެއްސަތޭކަ ހަތްދިހަ ތިންރުފިޔާ ފަސްދޮޅަސް ފަސްލާރި) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓް އެކެވެ.
ހދ.ނައިވާދޫ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުުގެ މަސައްކަތް އޯޓެކްސް ޕްރައިވެޓް ލިމިޓެޑް ހަވާލުކުރީ މަސައްކަތް ފަށާތާ، 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން 4،974،765.71 (ހަތަރު މިލިއަން ނުވަލައްކަ ހަތްދިހަ ހަތަރުހާސް ހަތްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ހަތްދިހަ އެއްލާރި) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓް އެކެވެ.
އަދި މީގެ އިތުރުން ރ.ވާދޫ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުުގެ މަސައްކަތްވެސް އޯޓެކްސް ޕްރައިވެޓް ލިމިޓެޑް ހަވާލުކުރީ މަސައްކަތް ފަށާތާ، 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން 4،887،970.92 (ހަތަރު މިލިއަން އަށްލައްކަ އަށްޑިހަ ހަތްހާސް ނުވަސަތޭކަ ހަތްދިހަ ރުފިޔާ ނުވަދިހަ ދެލާރި) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓް އެކެވެ.