އއ. ބޮޑުފޮޅުދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމާއި، ރ. ކިނޮޅަހުގައި ވޮލީބޯޅަ ކޯޓާއި ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ކުރިއަށްގެންދިޔަ މި އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިީމް ނިޔާޒްއެވެ. އަދި އެމްޓީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުއްރަހުމާން ޔޫސުފްއެވެ.
ކިނޮޅަހުގައި ތަރައްގީކުރާ ވޮލީކޯޓަކީ ސަރުކާރުގެ ބަޖެޓުން 1.24 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން 120 ދުވަހުގެތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މިމަސައްކަތުގެ ދަށުން ވޮލީ ކޯޓުގެ ކޮންކްރީޓް މަސައްކަތާ ފާރު ރޭނުމާއި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރެވުނު ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާނީ ފާރު ރޭނުމުގެ މަސައްކަތާ ކޮންކްރީޓްގެ މަސައްކަތުގެ އިތުރުން ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތެވެ.