ކ.ކާށިދޫގައި ކުރިއަށް ގެންދިޔަ އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯސް ނިންމާލައިފިއެވެ.
ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން ކ.ކާށިދޫގައި އޭއެފްސީ "ސީ" ލައިސެންސް ކޯޗިން ކޯސް ކުރިއަށްގެންދިޔައީ މިދިޔަ އެޕްރީލް މަހުގެ 28 އިން މެއި 09 އަށެވެ. މިއީ އެމްއެންއައިއެސް އާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިތުރުން ކާށިދޫ އެމްޖީ ސްޕޯޓްސް ކްލަބް ގުޅިގެން ހިންގި ކޯހެކެވެ.
މި ކޯހުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
12 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޯހުގައި 26 ފަރާތަކުން ބައިވެރިވިއެވެ. ފުޓުބޯޅައިގެ ކޯޗެއްގެ އަސާސީ މިންގަނޑުތަކާއި، އުސޫލުތަކާއި ރިވެތި އަހުލާގު ދެމެހެއްޓުމަށް ބައިވެރިން ތަމްރީނު ކުރެވިގެންދިޔަ މިކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ކިޔަވައިދެއްވީ އެފްއޭއެމްގެ ތަޖުރިބާކާރު ކޯޗުން ކަމުގައިވާ އަލީ ނިޝްތާރު އާއި އަހުމަދު އަޒްމީއެވެ.
އެމްއެންއައިއެސް އިން ވަނީ އެޕްރީލް މަހުގެ 12 އިން 24 އަށް ޅ.ނައިފަރުގައި ވެސް މި ކޯސް ހިންގާފައެވެ. އެކޯހުގައި 19 ފަރާތަކުން ބައިވެރިވެ ސީ ލައިސެންސް ސެޓްފިކެޓް ހާސިލްކުރިއެވެ.
އެމްއެންއައިއެސްގެ އަމާޒަކީ ތަފާތު އެކި ކުޅިވަރުގެ ދާއިރާތަކުން ފަންނީ މީހުން ތަމްރީނުކޮށް، ކުޅިވަރުގެ އެކި ކަންކަމަށް އަހުލުވެރިކުރުވުމެވެ.