2 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފި

06 ނޮވެމްބަރު 2022

2 ރަށެއްގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަށް ޔޫތް މިނިސްޓްރީން ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފިއެވެ.
ޔޫތް މިނިސްޓްރީގައި ކުރިޔަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މުލަކަތޮޅުގެ ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްޤީ ކުރުމަށާއި، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކުރުމުގެ މަސައްކަތްވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
މީގެ އިތުރުން ހުޅުމާލޭ 4 ނަމްބަރު ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތްވެސް ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.
މުލަކަތޮޅުގެ ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެގާއި އިންވެސްޓްމަންޓްއާއެވެ. މި މަސައްކަތް ނެގާއި އިންވެސްޓްމަންޓް އާއި ހަވާލުކުރީ 1،468،887.59 މިލިއަން ރުފިޔާއަށް 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެގްޒެކްޓިވް ޑިރެކްޓަރ ޙައްވާ ނިޙުލާއެވެ. ނެގާއި އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ ޑިރެކްޓަރ އިސްމާއިލް ލަތީފްއެވެ.
އަދި ގެމަނަފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށް ލައިކަންސް އިންވެސްޓްމަންޓް އާ ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަސައްކަތުގެ އަގަކީ 4،461،159.84 މިލިއަން ރުފިޔާއެވެ. މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ އިސްމާޢިލް ރައޫފްއެވެ. ލައިކަންސް އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިފަރާތް ޢަބްދުﷲ ކަލީމްއެވެ.
މީގެ އިތުރުން ހުޅުމާލޭ 4 ނަމްބަރު ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެގާއި އިންވެސްޓްމަންޓްއާއެވެ. މަސައްކަތަށް ޔޫތް މިނިސްޓްރީން 1،143،019.20 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނެގާއި އިންވެސްޓްމަންޓް އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 14 ދުވަސް ތެރޭގައި ދަނޑުގެ ޓާފް ބަދަލުކޮށް ނިންމަން ޖެހޭގޮތަށެވެ.