ދެ އަހަރުގެ ތެރޭގައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްކުރުމުގެ އަމާޒެއް ސަރުކާރުން ކަނޑައަޅައިފި އެވެ.
ސަރުކާރުގެ މުހިންމު ސިޔާސަތަކާ ގުޅޭގޮތުން މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހއ. އަތޮޅު ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހއ. އުލިގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި އަހަރާއި މި އަންނަ އަހަރަށް ބަހާލެވިގެން ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއް ރަށްރަށުގައި ކުރިއަށްދާނެކަމަށެވެ. މިގޮތުން ފެންވަރު ރަނގަޅު ފުރިހަމަ ކުޑަކުދިންގެ ޕާކްތަކާއި އައުޓްޑޯ ޖިމްތަކުގެ އިތުރުން އިންޑޯ ޖިމް ހިމެނޭ ގޮތަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައްވެސް ރަށް ރަށުގައި ގާއިމްކުރައްވާނެކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު އެކި ރަށް ރަށުގައި ހުރި ގިނަ ކުޅިވަރު ވަސީލަތްތައް ފުރިހަމަ ނުވުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެއްކަމަށާއި، މިގޮތުން ފިޓްނަސް ސެންޓަރުތަކުގައި އެކަށީގެންވާ ކުޅިވަރު ސާމާނުވެސް ނެތްކަމަށެވެ. އެހެންކަމުން މިކަންކަން ފުރިހަމަކޮށް ކޮންމެ ރަށެއްގެ އާބާދީއަށްވެސް އެކަށޭނަ ކުޅިވަރު ވަސީލަތްތައް ދެ އަހަރުގެ ތެރޭގައި ޤާއިމްކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.