160 މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 125 މިލިއަން ދައްކައިފި

08 ޖެނުއަރީ 2024

މިދިޔަ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ހަވާލްކޮށްފައިވާ ފަރާތްތަކަށް ދައްކަންޖެހޭ 160 މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 125 މިލިއަން ރުފިޔާ ދެއްކިފައިވާކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރާފިޢު މިހެން ވިދާޅުވީ އެ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާކުރެވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ "ހަފްތާ 14"ގެ ތެރެއިން ކުޅިވަރު ވުޒާރާއިން މަސައްކަތްކުރަމުން އަންނަ ލަނޑުދަނޑިތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ނޫސްވެރިންނަށް ހިއްސާކޮށްފަ އެވެ.
މިނިސްޓަރު ރާފިޢު ވިދާޅުވީ, މިދިޔަ ސަރުކާރުން ފަށާފައިވާ 232 މަޝްރޫއުގެ ތެރެއިން ފައިސާގެ މައްސަލަތަކުގެ ސަބަބުން ގިނަ ޕްރޮޖެކްްޓްތަކެއް ހުއްޓިފައިވާކަމަށެވެ. އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާކަމަށްވާ 160 މިލިއަން ރުފިޔާ ހުރިކަމަށާއި، އޭގެ ތެރެއިން 125 މިލިއަން ރުފިޔާ ދައްކާ 64 ޕްރޮޖެކްޓެއް ފެށިފައިވާކަމަށެވެ.
"އަޅުގަނޑުމެންނަށް ބިލް ކުރެވިފައި އޮތީ 160 މިލިއަން ރުފިޔާގެ ދަރަނި. އެހެން ނަމަވެސް މިދިޔަ ހައެއްކަ ހަފުތާގެ ތެރޭ, އަޅުގަނޑުމެން 125 މިލިއަން ވަނީ ދައްކާފައި. އޭގެ ސަބަބުން މި ވަގުތު އަޅުގަނޑުމެންނަށް 64 ޕްރޮޖެކްޓް ވަނީ ފެށިފައި." ރާފިޢު ވިދާޅުވި އެވެ.
މިނިސްޓްރީ އިން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހޭ ފައިސާ ހަމަޖެއްސީ މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓާއި، ސަޕްލިމެންޓަރީ ބަޖެޓުންކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.